އެކި ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗްގައި މި ވަގުތު ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައި ތިބި ކުޑަކުދިން ގިނަވެ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ވަނީ މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކުދިން ގިނަވެ ބައެއް ކުދިން އެމަޖެންސީ ރޫމްގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މި ވަގުތު ވެސް ކުޑަކުދިންގެ ވޯޑުގެ 32 އެނދު ފުރިފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، އައިޖީއެމްއެޗް ފުރެން ދިމާވާ މައްސަލަ ހައްލު ކުރެވޭނީ، ރަށްރަށާއި މާލެ ސަރަހައްދުގައި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ބަލިތަކަށް ފަރުވާ ދެވިގެން ކަމަށެވެ.
މާލެ ސަރަހައްދުގައި ސަރުކާރުން 100 ޕަސެންޓްް އާސަންދަ ކަވަރު ކުރާ ދެވަނަ ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ތިބި ނަމަވެސް ސުޕާ ސްޕެޝަލިސްޓުން އެ ދާއިރާއިން މަދުކަން ފާހަގަ ކޮށްލެވެއެވެ. އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމުގައި ސުޕާ ސްޕެޝަލިސްޓެއް ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ ސީރިއަސް ފައްތަރަކަށް ކުއްޖެއްގެ ހާލަތު ގޮސްފި ނަމަ އެ ހޮސްޕިޓަލުން ވެސް ފޮނުވާލަނީ އައިޖީއެމްއެޗަށް ކަމުން ކުޑަކުދިންނަށް ޖެހޭ ބަލިތައް ގިނަވާ ދުވަސްވަރެއް އައިސްފި ނަމަ އައިޖީއެމްއެޗަށް ބާރު ބޮޑުވެއެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިފައި ވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. ސްކޫލް ބަންދުވެފައިވާ މި ދުވަސްވަރަކީ އާންމުކޮށް އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރާ ދުވަސްވަރެއް ކަމުން މިފަދަ ދުވަސްވަރަކީ އާންމުކޮށް ވައިރަލް ރޯގާ ފަދަ ބަލިތައް ފެތުރޭ ދުވަސްވަރެކެވެ. މި ދުވަސްވަރު ސެއްޅި ރޯގާ ފެތުރިގެން ހިނގައިދާނެ ކަމަށް ލަފާ ކޮށް ފައިސަލް ވަނީ އެކަމަށް އާންމުން ސަމާލުވުމަށް ވެސް އެދިވަޑައިގެންފައެވެ.
ކުޑަކުދިންގެ ހާއްސަ ބަލިތައް ނޫނަސް އައިޖީއެމްއެޗުން އެހެނިހެން ކަންކަމުގައި ފަރުވާ ހޯދަން ދާ މީހުންގެ އަބަދުގެ ޝަކުވާ އަކީ އެޕޮއިންޓްމަންޓް ލިބޭލެއް ލަސްކަމާއި ހިދުމަތް ހޯދަން ކިއުގައި ގިނަ ވަގުތު މަޑު ކުރަން ޖެހުމެވެ. މި ކަމުގައި ވެސް ގިނަ ބަޔަކު ބުނަނީ ރަށްރަށުގައި ސިއްހީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކެއް ހުރި ނަމަވެސް އެތަންތަނުން އެކަށީގެންވާ ފަރުވާ ނުލިބޭ ކަމަށާއި އެހެންކަމުން މާލެއަށް ބޭސް ފަރުވާއަށް އަންނަން ޖެހުމަކީ ދިމާވާ އެންމެ ބޮޑު އެއް ދަތި ކަމަށެވެ. ހާއްސަ ކޮށް ރަށްރަށުގައި ޑޮކްޓަރުން ތިބޭ އިރު ހާއްސަ ޑޮކްޓަރުން ތިބޭލެއް މަދު ކަމާއި، ބޮޑު ބައްޔެއް ވެގެން ގޮސްފިއްޔާ އެމީހުންނަށް ފަރުވާ ނުދެވި މާލެއަށް ފޮނުވާލާ މައްސަލަ އަކީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ.
ސިއްހީ ގޮތުން ރަށްރަށުގައި ދޭ ހިދުމަތްތައް ރަނގަޅު ކުރެވިއްޖެ ނަމަ އައިޖީއެމްއެޗްގެ ކިއުތައް ދިގު ވުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.