ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ގއ. ދާންދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ދިރާގުން ބުނީ، މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ގއ. ދާންދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއި އެކުގައި ކަމަށެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައި ދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ޚާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައި ދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ގއ. ދާންދޫ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހި ފިލުވުމުގެ ކޮންޓެންޓެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ.
"އަޅުގަނޑުމެންގެ މަސައްކަތްކުރަމުން މިދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެއް ފެންވަރެއްގައި ޙިދުމަތް ފޯރުކޮށްދިނުމަށް. މިފުރުސަތުގައި ރަށު ކައުންސިލް ތަކުންނާއި ޕާޓްނަރުންގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމަށް އަޅުގަނޑުމެންގެ ފަރާތުން ޙާއްސަ ޝުކުރެއް ދަންނަވާލަން." ދިރާގުގެ ސީނިއާ މެނޭޖަރު ކޮންސިއުމާ ސާވިސް ޑެލިވަރީ އިބްރާހިމް ފަޔާޒް
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން ދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައި ވާ އިރު މީގެ ތެރޭގައި 73 ރަށެއް ހިމެނެއެވެ.
އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 80 ޕަސަންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ވަނީ ފޯރުކޮށް ދީފައެވެ.