އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާން މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ މޭރީގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.

ޝަފީއު ވިދާޅުވީ އެ މައްސަލައާ މެދު ޖެނުއަރީ 4 ވަނަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ޕޯސްޓްމޯޓަމްތަކުން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

މި މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މޭރީގެ ފިރިމީހާ މާވިން އަށް ތުހުމަތުކޮށް ފުލުހުން ވަނީ އޮކްޓޯބަރު 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ ލަމްހާ ހައްޔަރުކޮށްފައެވެ. އަދި ލަމްހާގެ ބަންދަށް މި މަހުގެ 17 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ލަމްހާއަކީ މާވިން އާ ލޯބީގެ ގޮތުން ގުޅުން އޮންނަ ދިވެހި އަންހެން ނަރުހެކެވެ.

މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.