ސިވިލް ސާވަންޓުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް "މިނިމަމް ވޭޖް އެލަވަންސް" ގެ ނަމުގައި އެލަވަންސެއް ތައާރަފް ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގުޅިގެން ބޭއްވި ޕްރެސް ބްރީފިންގައި ވަނީ، މި އެލަވަންސާއެކު ސިވިލް ސާވަންޓުންގެ މުސާރައަށް އަންނާނެ ބަދަލުތައް ހިއްސާ ކޮށްފައެވެ.

ޕްރެސް ބްރީފިންގައި ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މާދަމާއިން ފެށިގެން މުވައްޒަފުންގެ މުސާރައަށް މިނިމަމް ވޭޖް އެލަވަންސް ލައި ބޮޑުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން ދާނެ ކަމަށާއި، އަންނަ މަހުގެ 15 ގެ ކުރިން އޮފީސްތައް މެދުވެރިކޮށް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޖަމާވާނެ އަދަދު އަންގާނެ ކަމަށެވެ.

"އެއް މުވައްޒަފަކާ އަނެއް މުވައްޒަފަކާ އަޅާ ކިޔާއިރު ފަހަރެއްގަ ތަފާތުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް." ސައީދު ވިދާޅުވިއެވެ.

މިނިމަމް ވޭޖް އެލަވަންސާއެކު 11،828 ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށްވެސް ސީއެސްސީން ބުންޏެވެ. އެގޮތުން މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތަކީ:

  • 5،928 މުވައްޒަފުންނަށް 1،500ރ. އިން މަތި
  • 4،184 މުވައްޒަފުންނަށް 1،000ރ. އާއި 1،500ރ. އާ ދެމެދު
  • 1،288 މުވައްޒަފުންނަށް 500ރ. އާއި 1،000ރ. އާ ދެމެދު
  • 430 މުވައްޒަފުންނަށް 200ރ. އިން ދަށް

ނަމަވެސް، އެހެނިހެން އެލަވަންސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސީއެސްސީން ބުންޏެވެ.

ކުރިން ސަރުކާރުން ބުނީ އާހަރު ފެށޭއިރު މިނިމަމް ވޭޖް ދޭން ފަށާނެ ކަމަށާއި އަދި މުސާރައަށް ބަދަލު އަންނަ 4 ދާއިރާއާއި އަދަދުތައްވެސް އިއުލާން ކުރިއެވެ.