ކ. މާފުށީގެ ފަޅުގައި ހިއްކި ޕިކްނިކް އައިލެންޑާއި މާފުށި ބްރިޖަކުން ގުޅާލުމަށް ނިންމައި، އެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފިއެވެ.

ޕިކްނިކް އައިލެންޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޝަނާ ފާރޫގެވެ.

މި ރަސްމިއްޔާތުގައި ސަރުކާރާއި އެމްޓީސީސީގެ އިސްބޭފުޅުންނާއި މާފުށި ކައުންސިލަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

އިއްޔެ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، 80 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 20 މީޓަރު ފުޅާ، 137.64 ދިގު ބްރިޖެއް ގާއިމް ކުރުމާއި، ކޮންކްރީޓާއި، ޕޭވިން އާއި، ޑްރެއިނޭޖް އާއި، ދަގަނޑުގެ މަސައްކަތްތައް ކުރުމާއި، ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 35.41 މިލިއަން ރުފިޔާ އަށެވެ.