އިންޑިއާގައި ކޮވިޑް-19ގެ ހާލަތު އަނެއްކާވެސް ގޯސްވެ، އެގައުމުގެ ވެރިރަށް ނިއު ދިއްލީގައި ޔެލޯ އެލާޓް އިއުލާނު ކޮށް ކޮވިޑާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެ ސިޓީގައި އިއުލާނު ކޮށްފައިވާ ޔެލޯ އެލާޓާއެކު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ކާފިއު ހިންގުމާ، ސްކޫލްތަކާއި ކޮލެޖްތަކާ އަދި ކިޔަވައިދޭ އެންމެހާ މަރުކަޒުތައް ބަންދުކުރުން ހިމެނެއެވެ. މީގެ އިތުރުން ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައުމާއެކު ދަތުރުފަތުރު ކުރުމުގައި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ބާރުއެޅުން ހިމެނޭނެއެވެ.
މިކަންކަމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ދިއްލީ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެކަން އާންމުކޮށް އަންގާ އިއުލާނު ކުރުމުންނެވެ.
ދިއްލީގެ ކޮވިޑްގެ ހާލަތާ ގުޅިގެން އެ ސިޓީގެ މިނިސްޓަރު އަރްވިން ކަޖްރެވާލު ވިދާޅުވީ ދިއްލީގެ ރައްޔިތުން ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު މިހާރު ހުރީ 0.5 ޕަސެންޓުގައި ކަމަށާ، މިކަމުން ރައްކާތެރިވެ އަދަދުތައް ކޮންޓްރޯލު ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަޅާފައި ވާ ހުރިހާ ފިޔަވަޅު ތަކަކަށް ވެސް ބޯލެނބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާ މީގެ ކުރިންވެސް ގައުމުގެ ހާލަތު ބޮއްސުންލައިގެން ދިއަ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާއެކު ބަލިން ދިފާއުވުމަށް ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންނާއި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުން އަރައިގަނެވިދާނެ ކަމަށެވެ. އަދި މިވަގުތަކީ ބިރުގަނެ ޖެހިލުންވާން ވީ ވަގުތު ނޫން ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ މިހާރު ކޮވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ގައިން ފެންނަނީ ކުދިކުދި އަލާމާތްތައް ކަމަށެވެ. އަދި ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް ވަރަށް ކުޑަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.