ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަނިކޮށް ބިދޭސީއަކު ވެއްޓި މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަފުށިން އެމީހާ ގެނައީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:53 ހާއިރު ކަމަށާއި ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ މީހާއަކީ 38 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށްވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓިފައި ވަނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތީގައި ހުރި ޖުންގަކަށް އަރާ އުޅަނިކޮށް ތިރީ ފްލޯއަށެވެ. އެއީ 30 އަކަށް ފޫޓު (3 ބުރި އިމާރާތެއް) ގެ އުސްމިނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހަދަމުންދާ އިމާރާތްތަކުގައި މަސައްކަތް ކުރާ މީހުންނަށް ދޭތެރެ ދޭތެރެއިން އަންނަނީ އަނިޔާތައް ވަމުންނެވެ. މިކަންކަން މިފަދައިން ހިނގަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.