ކ. ކުޑަގިރި ފަޅުގައި ހަދާ ޕިކްނިކް އައިލެންޑް މިއަދު މާފުށީ ކައުންސިލާ ހަވާލުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާފުށްޓަށް މިއަދު ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ކުޑަގިރި ފަޅުގައި ހަދާ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، މާފުށީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާ ރައީސް ބައްދަލުކުރައްވައި، އެ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާ ހަވާލުކުރާ އިރު، އެ ޕިކްނިކް އައިލެންޑުގެ ބިން ހިއްކުމުގެ މަސައްކަތްތައް މިމަހުގެ 19 ގައި ނިންމާލާފައިވާ ކަމަށް، އެ މަޝްރޫއާ ހަވާލުވި އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަޝްރޫއަށް 41 މިލިއަން ރުފިޔާ ހަރަދު ކުރި އިރު، އެ މަޝްރޫއު އެއްކޮށް ނިންމުމަށް ދީފައި އޮތީ 150 ދުވަހެވެ

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އާންމުންގެ ހިޔާލު ހޯދަންވެސް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހުޅުވާލިއެވެ.