ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްދިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ބައިވެރިވާން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

މީގެ ދެ ދުވަސް ކުރިން އެމްޓީޑީން ވަނީ، އެ ޕާޓީގެ ފަރާތުންވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ ކަމަށް ބުނެ، އެކަމަށް ޝައުގުވެރިވާ މެންބަރުންނަށް މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލާފައެވެ.

އެމްޓީޑީން ބުނީ، އެ ޕާޓީގެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މިވަގުތު އެއްވެސް އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ

އެމްޓީޑީން ބައި އިލެކްޝަންގައި ވާދަކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައި ވާއިރު، އިދިކޮޅު ކޯލިޝަނުންނާއި، ވެރިކަންކުރާ އެމްޑީޕީ އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ، ކެންޑިޑޭޓުންވެސް ވަނީ ފައިނަލް ކޮށްފައެވެ.

އެގޮތުން ޕީޕީއެމްގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައި ވާއިރު، އެމްޑީޕީގެ ޓިކެޓް ދީފައި ވަނީ މުހައްމަދު ރާޝިދަށެވެ. އަދި އެމްއެންޕީގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ކޮމިޝަނުން ބުނީ އަންނަ ފެބްރުއަރީގައި ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.