އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އާމިރުގެ މައްސަލަ އެ ރަށު ކައުންސިލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ދިގުރަށު އަބުހަރީ މަންޒިލް، އަޒުހަރީ އަހްމަދު ދިގުރަށު ކައުންސިލްގެ މައްޗަށް ކުރި ދައުވާ އާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

މިގޮތުން އަޒުހަރީ ކޮށްފައިވާ ދައުވާގައި ވަނީ، ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި، ކައުންސިލުން ފާސްކޮށްފައިވާ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލް އާއްމު ކޮށްފައި ވާއިރު، "ގޯއްޗަށްއެދިފައިވާ މީހާ ނުވަތަ ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ | ފިރިމީހާގެ ގޯއްޗެއް ވިއްކާލައި ނުވަތަ މީހަކަށް ގޯތި ދިންތާ 10 އަހަރު ނުވާނަމަ" 20 ޕޮއިންޓު އުނިކުރެވޭނެ ކަމުގައި ބަޔާންކޮށްފައި ވަނީ، ގާނޫނުތަކާއި، އަދިގަވައިދުތަކާ ހިލާފަށް ކަމަށް ބުނެ ކަމަށް ދިގުރަށު ކައުންސިލުން ބުނެއެވެ. އަދި އެބައި ބާތިލުކޮށް ޕޮއިންޓް ދިނުމުގެ އުސޫލު މުރާޖައާކޮށް އަލުން އިއުލާނު ކުރުމަށް ދިގުރަށު ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރު ކޮށްދިނުމަަށް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މި މައްސަލަ ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރު ބެއްލެވިއިރު، ދައުވާއާ ގުޅިގެން، މިމަހު 12 ގައި އޮތް ފުރަތަމަ އަޑުއެހުމުގައި، ދައުވާކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައި ވާއިރު މިމަހު 22 ގައި އޮތް ދެވަނަ އަޑުއެހުމަށް، ޗިޓު ނުފޮނުވާ، ފޯނުން ގުޅައިގެން، އދ. ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާނު، ކޯޓަށް ހާޒިރު ވަނީ ކޮށްފައެވެ.

ދިގުރަށު ކައުންސިލުން ބުނީ އުސްމާނު މި ގޮތަށް ހާޒިރުކުރީ، މިގަޟިއްޔާގައި ކައުންސިލް ތަމްސީލު ކުރާނީ ދަ ލިޓިޖަންޓްސް ލޯ ފާމް އިން ކަމުގައި ހަމަޖައްސައި، ކޯޓުން ގަބޫލުކުރުމަށް ފަހުގައި ކަމަށެވެ. މި އަޑުއެހުން ތަކުގައި ލޯ ފާމުން ބައިވެރިވީ ވީޑިއޯ މެދުވެރިކޮށް ކަމަށް ވެސް އެރަށު ކައުންސިލުން ޖޭއެސްސީއަށް ފޮނުވި ފޯމުގައި ބުނެއެވެ.

މީގެ އިތުރުން ދެވަނަ އަޑުއެހުމުގައި، ކުރީ ދުވަހު ހުށަހަޅާފައިވާ ވަގުތީ އަމުރުގެ ހުށަހެޅުމަށް، ދައުވާލިބޭ ފަރާތުން، ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ޖަވާބު އިއްވުމާ ވިދިގެން، ކަމާނުބެހޭ ސުވާލުތަކެއް، ފަނޑިޔާރު އާމިރު، ކައުންސިލުގެ ރައީސްއަށް ކުރިމަތި ކުރެއްވި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރު އާމިރު ސުވާލުތަކެއް ކުރައްވާފައި ވާތީ، އޭނާގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، މި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކައުންސިލުން ވަނީ ޖޭއެސްސީގައި އެދިފައެވެ.