އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ކުރި ތުހުމަތުތަކަށް ލިޔުމުން އެ ބޭފުޅުން ޖަވާބުދާރީވެ ވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލު ކޮށްފިއެވެ.

އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވި ތިން މެމްބަރުން، ކޮމިޓީން އެދުނު ގޮތަށް ލިޔުމުން ޖަވާބު ވަނީ ފޮނުވާފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށައި، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. ކޮމިޝަނުގެ މެމްބަރުންނަށް ކުރަނީ، މައްސަލަތައް ފުނިޖެހި، އެކަށީގެންވާ ސްޕީޑްގައި ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖަލްސާގައި ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތިން މެމްބަރުން މަގާމުން ވަކިކުރުމައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލަ މަޖިލީހުގައި އިއުލާނު ކޮށްފައެވެ. މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް ފަހު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަދި އެ ދިރާސާކުރި ރިޕޯޓާ ގުޅޭގޮތުން މެންބަރުންނަށް ތިން ދުވަހުގެ މުއްދަތު ދިނުމަށް ފަހު މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް މައްސަލައިގެ ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހުއެވެ. އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައިވެއެވެ.

މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.