ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމެއްނެތި އެކުލަވާލާފައިވާ 298 ބިޑް ކޮމިޓީއެއް ސަސްޕެންޑު ކޮށްފިއެވެ.

ދެފުށް ފެންނަ ގޮތަށް ސަރުކާރުގެ ބީލަންތައް ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖައްސާފައި އޮންނަނީ ހުރިހާ ބިޑް ކޮމިޓީއެއްވެސް ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަ ހޯދަންޖެހޭ ގޮތަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަސްޕެންޑުކުރި ބިޑް ކޮމިޓީތަކުގެ ތެރޭގައި ރަށްރަށުގެ ކައުންސިލްތައް ހިމެނޭއިރު، އޭގެ ތެރޭގައި ޕީޖީ އޮފީހާއި އައިޖީއެމްއެޗުވެސް ހިމެނެއެވެ. ސަސްޕެންޑުކޮށްފައި އޮންނަ މުއްދަތުގައި އެއްވެސް މަޝްރޫއެއް އެވޯޑެއް ނުކުރެވޭނެއެވެ.

މިނިސްޓްރީގެ މި ނިންމުމާ ހަވާލާދެއްވައި މިދިޔަ ސެޕްޓެމްބަރުގެ 9 ގައި މިނިސްޓަރު އިބްރާހީމް އަމީރު ނެރުއްވި ސާކިއުލާގައި ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުއްދަދިނުމަށް އެކުލަވާލާފައިވާ ބިޑް ކޮމިޓީތަކަކީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް، މިނިސްޓްރީގެ ހުއްދަ ލިބިގެންވާ ކޮމިޓީތަކެއްގެ ގޮތުގައި ވާން ޖެހޭ ކަމަށެވެ. އަދި ހުއްދަ ނުހޯދާ ތިބި ކޮމިޓީތަކުން ހުއްދަ ހޯދަން ވަނީ އެދިވަޑައިގެންފައެވެ.

ހަމަ އެހެންމެ، އެ ކޮމިޓީތަކުގައި ސިޔާސީ މީހުންނާއި އިންތިހާބީ މީހުންނަށް ނުތިބެވޭ ގޮތަށް ހަމަޖެއްސީ ދެފުށް ފެންނަ ގޮތަކަށް ބީލަންތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބަދަލު ފިނޭންސުން ގެނެސްފައިވަނީ، ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގެ ތެރެއަށް ހިޔާނާތުގެ މައްސަލަތައް ވަދެފައި ހުރުމުންނެވެ.