ޖަލުގައި ލިބެމުން ދާ އަނިޔާތަކުގެ ބަދަލުގެ ގޮތުގައި އަންނަ އަހަރު މައާފެއް ދިނުމަށް އެދި، 200 އެއްހާ ގައިދީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

198 ގައިދީއަކު ހުށަހެޅި އެ ޕެޓިޝަނުގައި ބުނީ، ގައިދީން ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ރައީސަށާއި، މަޖިލީހުގެ ރައީސަށާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ޖަމިއްޔާތަކަށް ހުށަހެޅި ނަމަވެސް، ހުރިހާ ފަރާތަކުންވެސް ދިނީ ބީރު ކަންފަތެއް ކަމަށެވެ.

އެއާއެކު، ދައުލަތުން ލާއިންސާނީ ހައްގު މާނަކުރަނީ ކިހިނެއްތޯ ސުވާލުކޮށް، އެ ކަންތައްތައް ފޫބެއްދުމަށްޓަކައި މީޑިއާއިން އާންމުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުވެސް ގައިދީން ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ޖަލުގައި ތިބި ގައިދީންގެ ހައްގުތަކުން އެމީހުން މަހުރޫމްކޮށް، އެމީހުންނަށް ހުކުމް ތަންފީޒު ކުރަމުން ދާ ކަމަށް އެޗްއާރުސީއެމުން ބުނެފައި ވަނިކޮށް، ޔޫއެންގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން މިމަހުގެ 9 ގައި ނެރުނު ރިޕޯޓުގައިވެސް ފާހަގަ ކޮށްފައި ވަނީ ގައިދީންގެ ކަންބޮޑުވުންތައް ކަމަށްވެސް އެމީހުން ބުންޏެވެ.

"އިހުމާލުވެފައިވާ އަދި ގާނޫނާ ހިލާފުވެފަވާ ފަރާތްތަށް ގޮވައިގެން ދައުވާކުރަން ބޭނުމެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގެ ތާރީހް އިޔާދަވާކަށް އަޅުގަނޑުމެންވެސް ބޭނުމެއް ނޫނެވެ." އެ ޕެޓިޝަނުގައި ވެއެވެ.

އަދި އެ ކަންބޮޑުވުންތައް ހިއްސާކޮށް، ގައިދީން ވަނީ އެ ކަންތައްތައް ހައްލުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާފައެވެ. އެ ކަންތައްތަކަކީ:

  • އަސާސީ ހައްގުތަކުން މަހްރޫމް ކުރުވުން
  • ކޮމިޝަނަރު ޒިންމާ އަދާ ނުކުރެއްވުން
  • ސިއްހީ ފަރުވާގެ ހާލަތު ދަށްވުން
  • ބާތިލްވެފައިވާ ގާނޫނުތަކުން ހުކުމް ތަންފީޒުކުރުން
  • ޕެރޯލް ކްލެމެންސީ ގަވައިދުގައިވާ މުއްދަތްތަކަށް ނުނިންމުން
  • މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދިނުން
  • ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީންނަށް ޑޮކްޓަރުންގެ އިރުޝާދެއް ނެތި ބޭސް ދެމުން ދިއުން
  • ގައިދީންނަށް ގެންނަ ކާބޯތަކެތީގައި ސިއްހީ އެތައް މައްސަލައެއް ހުރުން

އެ ޕެޓިޝަނުގެ ކޮޕީއެއް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، ހޯމް މިނިސްޓަރު އިމްރާނެ އަބްދުﷲ އަށާއި، އެޓާނީ ޖެނެރަލްގެ އޮފީހަށާއި، ޕީޖީ އޮފީހަށް، އަދި އެޗްއާރުސީއެމަށް ވެސް ފޮނުވާފައެވެ.