ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް، ނުވަތަ ކުލި ނުދައްކާ މުއްދަތު އިތުރު ކުރުމަށާއި ފްލެޓްތަކުގެ ކުލި ކުޑަ ކުުރުމަށް ގޮވާލައި، އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފްލެޓްތަކުގެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ސުލްހަވެރި އިހުތިޖާޖުގައި ބައިވެރިން ދަނީ ކުލި ކުޑަ ކޮށްދިނުމަށާއި، އެކަނިވެރި މައިން ނިކަމެތި ކޮށްނުލުމަށް އަދި ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުމަށް ގޮވާލައި ޝުއޫރު ފާޅު ކުރަމުންނެވެ.

އެ މައްސަލާގައި މިއަދު ހަވީރު ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި ބައްދަލުވުމެއް ހަވީރު 4:00 ޖަހާއިރު ބާއްވާނެ ކަމަށް، ބޯހިޔާވަހިކަމަށް އަޑުއުފުލާ އާންމުންގެ ޖަމިއްޔާ އާއި، ހިޔާ ޔޫނިއަނުން ވަނީ މީގެ ކުރިން މިއަދު ބުނެފައެވެ.

އެ ޖަމިއްޔާތަކުން ބުނީ، މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް އެ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ދާނެ ކަމަށާއި، އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން މިކަމާ މެދު ގޮތެއް ނިންމުން ކަމަށެވެ.

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހޭ އިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި ދޭން ނިންމާފައިވާ ގްރޭސް ޕީރިއަޑް މީގެ ކުރިންވެސް އެޗްޑީސީން ވަނީ ތިން މަހުން ހަތަރު މަހަށް އިތުރު ކޮށްދީފައެވެ.

ނަމަވެސް، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ހަތަރު މަސް އެކަށީގެން ނުވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ހަމަ އެއާއެކު، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ބައެއް މީހުންގެ އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު އެ މަސައްކަތްތައް އެއްބަސްްވި ދުވަހަށް ނުނިންމާ ކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ، ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، އަދި އެކަމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މެއިންޓެނޭންސް އާ އެކު ޖުމްލަ 8،500ރ. ދައްކަން ޖެހޭނެއެވެ. ނަމަވެސް އެ އަދަދު ބޮޑުވެގެން 6،500ރ. އަށް ކުޑަކޮށްދިނުމަށް ފްލެޓް ލިބުނު މީހުން ސަރުކާރުގައި ވަނީ އެދިފައެވެ. އަދި ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ނުވާތީ، ފިނިޝިންއަށް ހަރަދުވާ ވަރުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށްވެސް އެމީހުން ވަނީ އެދިފައެވެ.