އޮމިކްރޮން ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ތައިލޭންޑަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން މެދުކަނޑާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ތައިލޭންޑް ޕާސްގެ ދަށުން، ޕުކެޓް "ސޭންޑްބޮކްސް" ނުހިމެނޭ ގޮތަށް، ސޭންޑްބޮކްސް އާއި "ޓެސްޓް އެންޑް ގޯ" ސްކީމްތައް އިއްޔެއިން ފެށިގެން ވަގުތީގޮތުން އެގައުމުގެ ސަރުކާރުން މެދު ކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން، އަންނަ ޖެނުއަރީ މަހުގެ 10 ގެ ކުރިން ތައިލޭންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ މީހުންގެ ތެރެއިން އިއްޔެގެ ކުރިން ތައިލޭންޑް ޕާސް ކިއުއާރު ކޯޑު ލިބިފައިވާ މީހުންނަށް އެ ސްކީމްގެ ދަށުން ދަތުރުކުރެވޭނެ ކަމަށާއި، އިއްޔެގެ ކުރިން ތައިލޭންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންނަށްވެސް ތައިލޭންޑް ޕާސް އެޕްރޫވަލް ކޯޑު ލިބުމުން، އެ ސްކީމްގެ ދަށުން ތައިލޭންޑަށް ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން ތައިލޭންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅާ މީހުންނަށް އެގައުމަށް ދެން ދަތުރުކުރެވޭނީ ޕުކެޓް ސޭންޑްބޮކްސް ސްކީމްގެ ދަށުން ކަމަށާއި، ޓެސްޓް އެންޑް ގޯ ސްކީމްގެ ދަށުން ތައިލޭންޑަށް އެތެރެވެފައިވާ ހުރިހާ މީހުންވެސް އޮން އެރައިވަލް ޕީސީއާރު ޓެސްޓްގެ އިތުރުން ތައިލެންޑް ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަކުން ދެވަނަ ޕީސީއާރު ކޮވިޑް ޓެސްޓެއް ހަދަންޖެހޭނެ ކަމަށެވެ. މިޓެސްޓަކީ ތައިލޭންޑް ސަރުކާރުގެ ހަރަދުގައި ހިލޭ ހަދާދެވޭ ޓެސްޓެެއް ކަމަށްވެސް ބުންޏެވެ.

އެހެންކަމުން، ތައިލޭންޑުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިން މި ފިޔަވަޅުތަކަށް ސަމާލުވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، ތައިލޭންޑުގައި ދިރިއުޅޭ ދިވެހިންނާއި އެކި ބޭނުންތަކަށް އެގައުމަށް ދަތުރުކުރާ ދިބެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކަށް ސަމާލުވުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަ އެއާއެކު، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނާއި، ރާއްޖޭން ބޭރުގައި އުޅޭ ދިވެހިން މިނިސްޓްރީގައި، އަދި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކޮށް، ތައިލޭންޑަށް ދަތުރުކުރާ ދިވެހިންނާއި އެ ގައުމުގައި އުޅޭ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ތައިލެންޑަށް ކަރަންޓީނުނުވެ ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން މެދު ކަނޑާލިއިރު، ސިންގަޕޫރަށް ކަރަންޓީނުވުމެއް ނެތި ދަތުރުކުރެވެން އޮތް އޮތުންވެސް ވަނީ މެދު ކަނޑާލާފައެވެ.