މިދިޔަ ދިހަ އަހަރު ދުވަހުގެތެރޭ ބަންގްލަދޭޝް އިން ވަނީ އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތައް ހޯދާފައި ކަމަށް، އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު މަޖިލިސް ކުރާ ގޭގައި ވާހަކަފުޅު ދައްކަވަމުން ހަސީނާ ވިދާޅުވީ، މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ސޯޝިއޯ އިކޮނޮމިކް މިންގަނޑުތަކުން އެގައުމަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުން ބާރުވެރި ކުރުވުމާއި، ދަރިމައިވުމުގެ ސިއްހަތާއި އާބާދީ އިތުރުވުން ހިމެނޭ ކަމަށް ހަސީނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ އާބާދީގެ ގިނަ ބައެއް ލިޔަންކިޔަން ދަންނަކަމަށާއި، ތައުލީމީ ދާއިރާއިންވެސް އެގައުމަށް ކުރިއެރުން ލިބިފައިވާ ކަމަށް ހަސީނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ، ބަންގްލަދޭޝް ތަރައްގީ ކުރަން ކުރިއަށް އޮތް 50 އަހަރު ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށާއި ވިޔަފާރިވެރިންނަށް ގޮވާލައްވައި، ހަސީނާ ވިދާޅުވީ ތަރައްގީއަށް ރާއްޖޭން ކުރި ދަތުރަކީ ބަންގްލަދޭޝް އަށް ލިބުނު ހިތްވަރެއް ކަމަށާއި، އެ ގައުމުގެ ތަރައްގީއަށް ފުރުސަތުތައް ހުޅުވާލެވިފައި އެބައޮތް ކަމަށެވެ.

ހަމަ އެއާއެކު، ހަސީނާ ވަނީ މިއަދު ހަނދާން އާވެގެން ދަނީ ބަންގްލަދޭޝް އިން އެގައުމުގެ މިނިވަންކަމަށް ކުރި ދަތުރުުކަން ފާހަގަ ކުރައްވައި، މި އަހަރަކީ އެގައުމަށް ހާއްސަ އަހަރެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަނާގެ ބައްޕާފުޅު އަދި އެގައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝައިހް މުޖީބުއް ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ ގަރުނެއް ފުރުމުގެ އިތުރުން، އެ ގައުމުގެ މިނިވަންކަމުގެ ރަންޔޫބީލްވެސް ފާހަގަ ކުރެއްވިއެވެ.

އަދި ހަސީނާ ވަނީ ޝައިހް މުޖީބުއް ރަހްމާންގެ އަރިހު ބަންގްލަދޭޝްގެ މިނިވަންކަމަށް ގޮވާލައި މަސައްކަތް ކުރައްވައި ދުނިޔެ ދޫކުރި ބަންގްލަދޭޝް ރައްޔިތުންވީ ގުރުބާނީ ފާހަގަ ކުރައްވައި، އެ އާއިލާތަކުގެ ހަނދާން އާކުރައްވާފައެވެ.

އޭގެ ފަހުން ހަ އަހަރު ވަންދެން ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގެން މިއަދާ ހަމައަށް، ބައްޕާފުޅު ކުރެއްވި މަސައްކަތުގައި ދެމިހުންނަވައި ކުރައްވަމުން ގެންދަވަނީ ބަންގްލަދޭޝް ކުރިއެރުވުމުގެ މަސައްކަތް ކަމަށާއި، އެކަމުގެ ނަތީޖާގެ ގޮތުން ބަންގްލަދޭޝް އަކީ އިގްތިސޯދީ ގޮތުން ކުރިއަރަމުން އަންނަ، އަދި ދުނިޔެ ބަލައިގަނެފައިވާ ގައުމެއް ކަމަށެވެ.

ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފައިވާ ޝައިހް ހަސީނާ ވަނީ މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލު ކުރައްވާފައެވެ.