ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެންޕީން ހޯދި ކާމިޔާބީއާއި ގުޅިގެން ތާރިގް ރަހްމާނަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވާފައި ވެއެވެ.

މިއީ ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބު ކާމިޔާބު ކުރިކަމަށް ވަގުތީ ނަތީޖާ ތަކުން ދައްކާފައި ވަނީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމްލަ 300 ގޮނޑީގެ ތެެރެއިން 212 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީއެންޕީންނެވެ. އޭގެ ތެރޭގައި އެޕާޓީގެ ލީޑަރު، ތާރިގް ރަހްމާން ވާދަކުރި ދާއިރާގެ ގޮނޑި ވެސް ހިމެނެއެވެ. އިންތިހާބު ކާމިޔާބު ކުރި ކަމަށް ބީއެންޕީން ވަނީ ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައެވެ. އަދި އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، މީޑިއާތަކުން ވަގުތީ ނަތީޖާ ރިޕޯޓުކުރަމުން ދަނީ ވޯޓުލާ މަރުކަޒުތަަކުން އިއުލާނުކުރާ މައުލޫމާތުގެ މައްޗަށެވެ.