ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި، ސަލާމަތީ ހިދުމަތްތަކުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް އެބަޔާނުގައި ބުނެއެވެ.
ޝައިހު ހަސީނާ އިއްޔެ ރާއްޖެ ވަޑައިގެންފައިވީ ނަމަވެސް، ދަތުރުފުޅާ ގުޅޭ ރަސްމީ ބައި އޮންނާނީ މިއަދާއި މާދާމާއެވެ.
ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހަ ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.
މި ރަސްމީ ދަތުރުފުޅުގައި ޝައިހް ހަސީނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރެއްވުށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށެވެ.
އަދި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހުފައެވެ. ހަމައެހެންމެ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ.
މީގެ އިތުރުން ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.