ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާދަމާ މާލޭގައި ކުރިއަށްދާ ރަސްމީ ހަރަކާތްތަކަށް މާލޭގެ ހަތަރު ސަރަހައްދެއް ބަންދުކުރަން ނިންމައިފިއެވެ.

އެގޮތުން، މާދަމާ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އާންމު ދަތުރު ފަތުރަށާއި ފައި މަގުގައި އުޅޭ މީހުންނަށް ޖުމްހޫރީ މައިދާން ސަރަހައްދާއި ރައީސް އޮފީސް ސަރަހައްދާއި ހޮޓެލް ޖެން އާއި މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ޝައިހް ހަސީނާގެ ދަތުރުފުޅާ ގުޅިގެން ޓްރެފިކަށް ގެނެވުނު ބަދަލުތައް / ފޮޓޯ: ޕޮލިސް

އެއާއެކު، ފުލުހުން ބުނީ އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން، މިރޭ 8:00 އިން ފެށިގެން މާދަމާރޭ 8:00 އަށް އެ ސަރަހައްދުތަކުގައި ހުންނަ ޕާކިން ޒޯންތަކުގައި ޕާކުކުރާ އުޅަނދު ފަހަރު ޓޯކުރާނެ ކަމަށާއި، މިރޭ 6:00 އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދަށް ލޯންޗާއި ޑިންގީ ފަދަ ތަކެތި ވަނުން މަނާވާނެ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އެ ކަންތައްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ނަމަވެސް، ސިނަމާލެ ބްރިޖުގައި އާންމުންނަށް ދަތުރުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެހެންމެ، އެއާޕޯޓަށް ދާ މީހުން އެމްއޭސީއެލުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ފުލުހުން އެދެއެވެ. އަދި ބަންދުކުރެވޭ ސަރަހައްދުތަކުގައި ހިމެނޭ އޮފީސްތަކަށް ދާ މީހުންނަށް ދެވޭނީ ބަންޑާރަކޮށްޓާއި ހުކުރު މިސްކިތުގެ އުތުރުން އޮންނަ ޝަހީދު އާދަމް ނަސީރު ހިނގުމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އަދި ރަސްމީ ހަރަކާތްތަކަށް ދައުވަތު ލިބިފައިވާ މީހުން ފާހާއެކު އައުމަށް އިލްތިމާސްކުރަމުން ފުލުހުން ބުނީ، އެ މީހުންނަށް ވަދެވޭނީ ބަންޑާރަކޮށީގެ ހުޅަނގުން އިސްލާމީ މަރުކަޒާވީ ފަޅިންނާއި އިރުމަތީ ފަރާތުގައި ގާއިމްކުރެވިފައިވާ ގޭޓުތަކުން ސްކްރީން ކުރެވިގެން ކަމަށެވެ.

ޝައިހު ހަސީނާ މިއަދު ރާއްޖެ ވަޑައިގެންފައިވީ ނަމަވެސް، ދަތުރުފުޅާ ގުޅޭ ރަސްމީ ބައި އޮންނާނީ މާދަމާއާއި އަނެއް ދުވަހުއެވެ. ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހަ ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ