ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން ނަން ހުށަހެޅީ އެންމެ ފަރާތެއް ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިއަދަށް ހަމަވެފައިވާއިރު، ކުރިމަތިލާފައިވަނީ އެންމެ ފަރާތެއް ކަމަށެވެ. އެގޮތުން ޕްރައިމަރީއަށް ނަން ދީފައިވަނީ ޔުނިވާސް، ށ. ފޯކައިދޫ، މުހައްމަދު ރާޝިދެވެ.

އެހެންކަމުން، އެމްޑީޕީން ޕްރައިމަރީ އެއް ނުބާއްވައި ރާޝިދަށް ވަނީ އޮޓޯއިން އެ ޕާޓީގެ ޓިކެޓު ލިބިފައެވެ.

ރާޝިދަކީ މިދިޔަ ތިން ދައުރު ފޯކައިދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ހުންނެވި ރާޝިދަކީ އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ނައިބު ރައީސެވެ.

އެމްޑީޕީގެ އިތުރުން، ކޮމަންޑޫ ދާއިރާއަށް ވާދަކުރާނެ ކަމަށް މިހާތަނަށް ބުނެފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނާއި އެމްއެންޕީއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ބައި-އިލެކްޝަން އަންނަ ފެބްރުއަރީގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.