ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންފިއެވެ.

ޝައިހް ހަސީނާ މީގެ އިރުކޮޅެއް ކުރިން ރާއްޖެ ވަޑައިގެންފައި ވާއިރު އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސަރުކާރުގެ ފަރާތުން ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

ހަސީނާގެ މި ދަތުރުފުޅުގައި ރަސްމީ ބައި އޮންނާނީ 2 ދުވަހަަށެވެ. މި ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރެއްވުށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށެވެ. އަދި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހުފައެވެ.

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ.

މީގެ އިތުރުން މާދަމާ ހަވީރު 4 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޝައިހް ހަސީނާ ތަގުރީރު ކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.

ޝައިހު ހަސީނާ މިއަދު ރާއްޖެ ވަޑައިގެން ނަމަވެސް ދަތުރުފުޅާ ގުޅޭ ރަސްމީ ބައި އޮންނާނީ މާދަމާއާއި އަނެއް ދުވަހުއެވެ. ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ 6 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ލައްކައެއްހާ މީހުންގެ ތެރެއިން ބައި ލައްކަ މީހުންނަކީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް މީހުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް ގެނައުން އޮތީ މަޑުޖައްސާލާފައެވެ. ހަމައެހެންމެ ބަންގްލަދޭޝްގެ ބައެއް މީހުން އަނބުރާ ގައުމަށް ފޮނުވާވެސް ލައިފައި ވެއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރީ ސެޕްޓެމްބަރު 22، 1978 ގައެވެ.