އެމްޑަބްލިއުއެސްސީގެ 2019 އާއި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި އެވޯޑް ނައިޓްގައި ދިގުމުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރި މުވައްޒަފުންނަށާއި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެމީހުނަށް އެވޯޑް ދީފައިވާ ކަމަށެވެ.
މީރުމާގައި ބޭއްވި މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާން އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އާއި، އެކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، ކުންފުނީގެ މެނޭޖިންޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފަކު އެވޯޑް ހާސިލްކޮށްފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ހަސަން ޝާހު ވިދާޅުވީ މި އެވޯޑް ހަފްލާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއި އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދޭ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ.
އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތަކާއި އަދި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ފާހަގަ ކުރައްވަމުން ޝާހު ވިދާޅުވީ، "އެކުވެރި އެމްޑަބްލިއުއެސްސީގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައި ވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ޝާހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.