މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަސްކަރީ 13 އުޅަނދު ރާއްޖެއަށް ހަދިޔާ ކުރައްވާނެ ކަމަށް، އެގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ޝައިހް ހަސީނާގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ ރަސްމީ ނޫސް އޭޖެންސީ، ބީއެސްއެސްއިން ބުނީ، ދެ އެމްއޯޔޫ ހިމެނޭ ގޮތުން، ރާއްޖެއާ އެކު ހަތަރު އެއްބަސްވުމެއްގައި ބަންގްލަދޭޝްއިން ސޮއިކުރާނެއެވެ. އެ އެއްބަސްވުންތަކަކީ:

  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުން
  • ގައިދީން ބަދަލުކުރުމާ ގުޅޭ އެއްބަސްވުން
  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުން
  • ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުން

މީގެ އިތުރުން، ސިއްހީ ދާއިރާގެ މީހުން ތަމްރީނު ކުރުމުގެ އެއްބަސްވުން އާކުރާނެ ކަމަށާއި، 13 އަސްކަރީ އުޅަނދެއް ހަދިޔާކުރާނެ ކަމަށްވެސް ބީއެސްއެސްއިން ބުނެފައިވެއެވެ.

އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިންނާ ވާޗުއަލްކޮށް ބައްދަލުކުރައްވާނެ ކަމަށްވެސް ބުންޏެވެ.

މާދަމާ ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވާ އިރު، މިދިޔަ މާޗު މަހު ރައީސް ވަނީ އެގައުމަށް ވަޑައިގެން އެކަމަނާ އާއި ބައްދަލު ކުރައްވާފައެވެ. ހަމަ އެއާއެކު ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ޝައިހު ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. ނަމަވެސް ދަތުރުފުޅާ ގުޅޭ ރަސްމީ ބައި އޮންނާނީ މާދަމާއާއި އަނެއް ދުވަހުއެވެ. ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ 6 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.