ލ. އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަ ސަރަހައްދެއް ހިމާޔަތްކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ލ. އަތޮޅުން ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދުތައް:

  • ލ. ގަމު ބޮޑަ ފެންގަނޑަ
  • ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު
  • ލ. ބޮޑު ފިނޮޅާއި ވަޑިނޮޅު ކަނޑު
  • ލ. ގާދޫ ރަށުގެ ވެލާ އަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި، ފަރު އަދި މޫދުވިނަ
  • ލ. ގާދޫ - ހިތަދޫ ކަނޑު
  • ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދު

ރައީސް އޮފީހުން ބުނީ، މިއަދު ސަރުކާރުން ހިމާޔަތްކުރަން ނިންމި ހަ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެއް ކަމަށެވެ.

ލ. އަތޮޅަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ "ހޯޕް ސްޕޮޓް" އެއްގެ ގޮތުގައި ގްލޯބަލް ކޮމިޝަނެއް ކަމަށްވާ މިޝަން ބްލޫ އިން މިއަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގައި ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ. އެ ވައުދުގެ ދަށުން، އުތުރުގެ އަތޮޅުތަކުގެ 14 ސަރަހައްދަކާއި، ދެކުނުގެ އަތޮޅުތަކުގެ ފަސް ސަރަހައްދަކާއި، ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށް، ސަރުކާރުން ވަނީ ގެޒެޓުކޮށްފައެވެ.