ގދ. ގައްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

މި މަޝްރޫއުގެ ދަށުން ގައްދޫގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 320 މީޓަރުގެ ސްކައުރިން އޭޕްރަނެއް ހެދުމާއި، 1،600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓެއް ހެދުމާއި، 26 މީޓަރު ދިގު އަދި ދެ މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުން ފަދަ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 38.41 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ، މިވަގުތުވެސް އެމްޓީސީސީން އެކި ރަށްރަށުގައި 62 މަޝްރޫއެއް ހިންގަމުން އަންނަ ކަމަށާއި، އޭގެ ތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއު ކަމަށެވެ.