ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި (ޕީކު ގަޑިތަކުގައި) ކޮންމެ 15 މިނިޓަކުން ބަސް ދަތުރު އޮންނާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަހުގެ ހިދުމަތް ފެށިއިރު އެންމެ ފުރަތަމަ އޮތީ ކޮންމެ 30 މިނިޓަކުން ހިދުމަތް ދޭ ގޮތަށެވެ. އެކަމަކު އެ ހިދުމަތް ދޭ ގަޑިތައް މި އިތުރު ކުރީ، އެކަށީގެންވާ ގޮތެއްގައި ބަހުގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާތައް ވެސް އިތުރުވެފައި ވަނިކޮށެވެ. ސްކޫލުތަކަށް ދަރިވަރުންދާ ވަގުތާއި މީހުން ވަޒީފާއަށް ދާ ވަގުތު ބަސްތަކަށް ބާރު ބޮޑުވެއެވެ.

އެމްޓީސީސީން ބުނެފައިވަނީ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައް އޮންނާނީ ފަތިހު 5:45 އިން ދަންވަރު 12:15 އާ ހަމައަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 8:45 އާ ހަމައަށް ދަތުރުތައް އޮންނާނީ ކޮންމެ 15 މިނެޓަކުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އާއްމުކޮށް އެ ސަރަހައްދުގައި ބާރު ބޮޑުވާ ވަގުތުތަކެވެ. މި ދުވަސްތަކުގައި ރޭގަނޑު 8:45 ގެ ފަހުން ދަތުރުތައް ކުރާނީ ކޮންމެ 30 މިނެޓަކުންނެވެ.

އެމްޓީސީސީން ބުނީ، ހުކުރު ދުވަސްތަކުގައި ބަސްތައް ދަތުރުކުރާނީ ފަތިހު 5:45 އިން މެންދުރު 2:45 އާ ހަމައަށް ކޮންމެ 30 މިނިޓަކުން ކަމަށެވެ. އެކަމަކު މެންދުރު 2:24 އަށް ފަހު، ހުކުރު ދުވަހު ވެސް ދަންވަރު 12:15 އާ ހަމަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް ދޭން ވަނީ ނިންމައިފައެވެ.