އެމްޓީސީސީއިން ތައާރަފު ކޮށްފައިވާ ސްކޮލާޝިޕް ތަކަށް އެ ކުންފުނީގެ އަންހެން މުވައްޒަފުން ކުރިމަތިލުމަށް ސީއީއޯ އާދަމް އާޒިމް ގޮވާލައްވައިިއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި އެމްޓީސީސީން ވެސް އެ ސިޔާސަތު ހިފަހައްޓަމުން ދާކަމަށެވެ.
އާޒިމް ވިދާޅުވީ އެ ކުންފުންޏަށް އަހަރު ފުރުމާ ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި އެ ކުންފުނިން 11 ސްކޮލާޝިޕެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. މިއީ 5 އަހަރު ދުވަހަށް ބަޖެޓުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ކޮންމެ އަހަރަކު ވެސް 10 ނުވަތަ 15 ކުދިންނަށް އެކިއެކި ދާއިރާތަކުން ސްޕޮލާޝިޕްތައް ދޫކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ ވަރަށް މޮޅަށް ކިޔަވައިގެން ތިބި ކުދިން އެބަތިބި ކަމަށާއި އޭލެވެލްއިން އެތައް ބައިވަރު ސްޓާ ތަކެއް ހޯދައިގެން ތިބި އަންހެން ކުދިން އެބަތިބި ކަމަށެވެ. އެ ކުދިންނަކީ އެކަމަށް ގާބިލު ކުދިން ކަމަށާއި އެކުދިން ކުރިމަތިލާން އާޒިމް ވަނީ ހިތްވަރު ދެއްވާފައެވެ.
މީގެ އިތުރުން ޖިންސްގެ ހަމަހަމަކަން ނުގެނެސް ގައުމު ކުރިއަކަށް ނުދާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ޖަލްސާގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރި މުޒައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.