ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ދައުވަތު ދެއްވަން މަޖިލީހުން ފާސްކޮށްފިއެވެ.
ޝައިހް ހަސީނާ މަޖިލީހަށް ޒިޔާރަތްކުރައްވާ ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލަ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މިގޮތުން މި މައްސަލައިގައި މިއަދު ވޯޓަށް އެހުމުން އެކަމަށް ފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ޝެއިހް ހަސީނާ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައި ވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ. އެއީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ޝައިހް ހަސީނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރެއްވުށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށެވެ.
އަދި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހުފައެވެ. ހަމައެހެންމެ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށް ފަހު އެކަމަނާ ރާއްޖޭގައި ޗުއްޓީއެއް ހޭދަ ކުރައްވާނެއެވެ.