އެމްޕީއެލްގެ ދަށުގައި އޮތް ޓީޖެޓީ އާ ހަވާލުވާން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން އެ ސަރަހައްދަށް ހިނގައްޖެއެވެ.

ޓީޖެޓީ އާ ހަވާލުވާން ކައުންސިލުން ދިޔައީ، އެތަން ކައުންސިލާ ހަވާލުކުރަން އެމްޕީއެލަށް ދިން ދޮޅު މަހުގެ ނޯޓިސް މިމަހުގެ 12 އަށް ހަމަވުމުން ދިން ހަތް ދުވަހުގެ މުއްދަތުވެސް ހަމަވުމުންނެވެ.

އެހެންވެ ޓީޖެޓީ އާ ހަވާލުވުމަށްޓަކައި ކައުންސިލްގެ ބައެއް މެމްބަރުން މިހާރު ތިއްބެވީ އެތަނުގައެވެ.

ސަރުކާރުން ޓީޖެޓީ ބަލަހައްޓަން އެމްޕީއެލަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް، ސަރުކާރާއެކު މީގެ ކުރިން ހަދާފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއް ނެތް ކަމަށް އެމްޕީއެލުން ބުނެއެވެ.

ކައުންސިލްގެ މައިގަނޑު ޝަކުވާއަކީ ޓީޖެޓީ ސަރަހައްދު އެމްޕީއެލްގެ ދަށުގައި އޮންނާތީ މާލޭގެ ރައްޔިތުންނަށް އެތަނުން އެއްވެސް ފައިދާއެއް ނުކުރާ ކަމެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އެތަނުން ލިބޭ އާމްދަނީން ރައްޔިތުންނަށް ގިނަ ހިދުމަތްތައް ކޮށްދެވޭނެ ކަމަށެވެ.

އޭރު ޓީޖެޓީ ކައުންސިލްގެ ދަށުގައި އޮތްއިރު، އެތަން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ.