މީގެ ހަ އަހަރު ކުރިން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވާ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފިއެވެ.
އޭރުވެސް ގައްދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި މުހައްމަދު އަހުމަދުގެ މައްޗަށް ވަނީ އޭނާ އެ މަގާމުގައި ހުންނެވިއިރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާގެ އިތުރުން، ޖިންސޯ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު އިއްވުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލާގައި ގައްދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ގޮތް ނިންމާފައިވަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް އޮންނަތާ އެތައް ދުވަހެއް ފަހުންނެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތަށް 60 ދުވަސް ލިބޭތީވެ، އެ މައްސަލަ އިސްތިއުނާފުކުރުމާ މެދު ވަކި ގޮތެއް އަދި ކަނޑަނާޅާ ކަމަށާއި، ނަމަވެސް އިސްތިއުނާފުކުރުމާ މެދު ވަކި ގޮތެއް ޕީޖީ އޮފީހުން ނިންމާނެ ކަމަށް، ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވިއެވެ.
އެ މައްސަލާގައި ފުލުހުންގެ ބަންދުގައި މުހައްމަދު ބަހައްޓާފައި ހުރި އިރު އޭނާ ދޫކޮށްލުމަށް މިދިޔަ މޭ މަހުގެ ކުރީކޮލު ގައްދޫގެ ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، މޭ 23 އިން ފެށިގެން މުހައްމަދު ވަނީ އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
ބަންދުގައި ހުންނެވި މުހައްމަދު ވަނީ ޕީޕީއެމްގެ ޓިކެޓުގައި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި، ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބު ވެވަޑައިގެންފައެވެ.
މުހައްމަދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން، އޭނާ ވަނީ މިއަދުން ފެށިގެން ގައްދޫ ކައުންސިލްގެ ރައީސްކަމުގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގެންފައެވެ.