ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ މިދިޔަ ނޮވެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ތަކުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން އެ ބާވަތުގެ 29 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.

އެބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 221 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރަ އަކަށް ވުމުގެ 5 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލަ މިދިޔަ މަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ، ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 7 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 2 މައްސަލަ ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 5 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓު ކޮށްފައެވެ. އެއީ ސްކޫލަށް ނުފޮނުވުމުގެ 2 މައްސަލަ، ތައުލީމަށް ހުރަސްއެޅުމުގެ 2 މައްސަލަ، ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 1 މައްސަލައެވެ.

ގާނޫނާއި ގާވާއިދާ ހިލާފުވުމުގެ 5 މައްސަލަ ހުށަހަޅާފައިވާއިރު އެއީ މާރާމާރީ ހިންގައިގެން 4 މައްސަލަ އަދި އިތުރު މައްސަލައެކެވެ.

ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 8 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 13 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 208 ކުދިން ކަމަށެވެ.