މިއަހަރު މިހާތަނަށް ވައްކަމާއި ފޭރުމުގެ 4930 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވައްކަމާއި ފޭރުމުގެ 4930ގެ ތެރެއިން 4562 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އަދި ބާކީ އޮތް 368 މައްސަލައަކީ ފޭރުމުގެ މައްސަލަތައް ކަމަށެވެ.

ފުލުހުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތް ކަމަށެވެ.

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ ޕޮކެޓާއި މަޑިދަށުގައި ހުންނަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި، ސައިކަލު ވަގަށް ނަގާ މީހުން ގިނަ ފަހަރަށް އެކަން ކޮށްފައި ހުރީ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްލުމުގެ ބޭނުމުގައި ނޫނީ ސައިކަލުގެ ކޮންމެވެސް ސްޕެއާއެއް ބޭނުންވެގެން ކަމަށެވެ.

މީގެ އިތުރުން ގެދޮރާއި އޮފީހާއި ފިހާރަތަކުން ވައްކަން ކޮށްގެން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އަގުހުރި މުދާ ކުޑަކުޑަކަމަކުން ނުގެއްލި ރައްކާކުރެވިދާނެ ބައެއް މައްސަލަތައް ހުރިކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގެދޮރުގެ އިތުރުން އޮފީސް އިމާރާތްތަކާއި ފިހާރަތަކާއި ސައިޓުތަކަކީވެސް ވައްކަން ކުރާ މީހުންގެ ޓާގެޓް ތަންތަނެއް ކަމަށާއި އެހެންކަމުން މިތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ. މިގޮތުން މިފަދަ ތަންތަނުގައި ސީސީޓީވީ ނުވަތަ ސެކިއުރިޓީ އެލާމް ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިންމު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަގުފޭރުމުގެ ގިނަ މައްސަލަތަކުގައި ފޭރިގެންފައި ހުރީ މީހުންގެ ފޯނާއި ވޮލެޓު ފަދަ ތަކެތި ކަމަށެވެ. މި މައްސަލަތަކުން ގިނަ ފަހަރަށް ފާހަގަވީ މަގަށް ދޭންޖެހޭ ސަމާލުކަން ނުދީ ފޯނަށް ސަމާލުކަން ދީގެން ދެވުނު ގިނަ ފަހަރުތަކެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފޯނު ގެއްލޭ މައްސަލަތައް ތަހުގީގުކޮށް ފޯނު ހޯދުމަށް މަސައްކަތްކުރުމުގައި، ފޯނުގެ ބްރޭންޑާއި ފޯނުގެ އައިއެމްއީއައި ނަމްބަރާ އަދި އެންމެ ފަހުން ފޯނުގައި ބޭނުންކުރި ސިމްގެ މައުލޫމާތަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށެވެ.