އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ޝައިހް ހަސީނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރެއްވުށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށެވެ.
އަދި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހުފައެވެ.
ހަމައެހެންމެ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯން ރަސްމީކޮށް އިއުލާން ކުރައްވާނެއެވެ.
ޝައިހް ހަސީނާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ދައުވަތު ދިނުންވެސް ހިމެނެއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ހަސީނާ ތަގުރީރު ކުރައްވަން ހަމަޖެހިފައި ވާއިރު، މިހާތަނަށް މަޖިލީހުގައި ތަގުރީރު ކުރައްވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ދެ ބޭފުޅެކެވެ. އެއީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށް ފަހު އެކަމަނާ ރާއްޖޭގައި ޗުއްޓީއެއް ހޭދަ ކުރައްވާނެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ލައްކައެއްހާ މީހުންގެ ތެރެއިން ބައި ލައްކަ މީހުންނަކީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް މީހުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް ގެނައުން އޮތީ މަޑުޖައްސާލާފައެވެ. ހަމައެހެންމެ ބަންގްލަދޭޝްގެ ބައެއް މީހުން އަނބުރާ ގައުމަށް ފޮނުވާވެސް ލައިފައި ވެއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރީ ސެޕްޓެމްބަރު 22، 1978 ގައެވެ.