މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުއްޓާނުލައި ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މެލޭޝިޔާގެ ބޮޑެތި މަގުތައް ފެނު އަޑިއަށް ގޮސް، 11 ކޯރެއް ފުރި ބަންޑުން ވުމުގެ ބިރު ބޮޑުއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން 11 ކޯރެއް ވަނީ، ނުރައްކާ މިންގަނޑާ ހަމައަށް ފުރިފައެވެ. އަދި ދެންމެ ދެންމެ ބަންޑުންވެދާނެ ހާލަތަށް 4 ކޯރެއް ގޮސްފައި ވާކަމަށްވެސް ހަބަރުތައް ބުނެއެވެ.

މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ހުއްޓާނުލައި ވެހެމުން ދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައި ވާއިރު ބައެއް ސަރަހައްދުތަކުގައި ކަރުތާ ފެނާހަމައަށް ފެންބޮޑުވެ، ބައެއް އިމާރާތްތަކަށްވެސް ފެންވަދެފައި ވާކަމަށެވެ. އަދި އާންމުން ބޭރަށް ނުކުމެ ނޫޅުމަށާއި، ބޭރުގައި އުޅެނިކޮށް ކާރު ފަދަ އުޅަނދެއް ހުއްޓުނު ނަމަވެސް އޭގައި ނުތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައި ވާކަމަށެވެ.

މެލޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވަމުން ދާއިރު ބަޔަކު ރައްކާތެރި ސަރަހައްދަކަށް ދާން މަސައްކަތް ކުރަނީ ---

ފެންބޮޑުވެ ހާލުގައި ޖެހޭ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގެ މަސައްކަތް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ކުރަމުން ދާއިރު، މިއަދުވެސް 5000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވާކަމަށް ހަބަރު ލިބެއެވެ. ފެން ބޮޑުވުމުގެ ސަބަބުން މެލޭޝިއާގެ އެތެރޭގެ ދަތުރުފަތުރަށް ބުރޫއަރާފައި ވާއިރު، ބޮޑެތި ސިޓީތައް ހުރަސްކޮށް މަތިން އަޅާފައިވާ ރޭލުގެ ދަތުރުތަކަށްވެސް ވަނީ ބުރޫއަރާފައެވެ.

މެލޭޝިއާއަށް ބޯކޮށް ވާރޭ ވެހެމުން ދާއިރު އިއްޔެ ވަނީ އެގައުމުގައި ހިތާމަވެރި ހާދިސާއެއްވެސް ހިނގާއެވެ. އެ ހާދިސާގައި އާއިލާއެއްގެ އެންމެން ދަތުރު ކުރި ކާރެއް ހުއްޓުނު ވަގުތު ފަހަތުން އައި ކެރޭނަކަށް ކާރު ނުފެނި ކާރު މައްޗަށް އަރާ، އެ އާއިލާގެ ބައްޕަ ފިޔަވާ އެންމެން ވަނީ މަރުވެފައެވެ.

މެލޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ކާރުތައް އަޑީގައި ---

ހަބަރުތައް ބުނާގޮތުން، ބައެއް ސަރަހައްދުތަކުގައި ވާރޭ ބޯކަމުން ތަނެއް ދޮރެއް ނުފެންނަހާ ނުސާފެވެ.

މެލޭޝިއާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅޭ ގައުމަކަށް ވާއިރު، ބޯކޮށް ވާރޭ ވެހުމުގެ މިހާދިސާގައި ދިވެއްސަކަށް ކަމެއް ދިމާވިކަމުގެ ހަބަރެއް އަދި ނުލިބެއެވެ.