ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،620 ޑޯޒްގެ އާ ޝިޕްމަންޓެއް މިއަދު ގެނެސްފިއެވެ.

ޔުނިސެފުން ބުނީ މިއީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ ގެނައި ޝިޕްމެންޓެއް ކަމަށެވެ.

މިގޮތުން މި ޝިޕްމެންޓާއެކު ވެކްސިން ޖެހޭ އާބާދީ އަށް ވެކްސިން ދިނުމާއެކު ބޫސްޓާ ޑޯޒް ޖަހަން ވެސް ބޭނުން ކުރެވޭނެ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށާއި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި މީހުންގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށް އެކަންޏެވެ.

މިހާރު ބޫސްޓާ ޑޯޒް ޖަހަމުންދަނީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުނަށެވެ،

ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 496 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 317 ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު އަތޮޅު ތެރެއިން 179 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

މިހާތަނަށް 22،093 މީހުން ވަނީ ވެކްސިންގެ ބޫސްޓާ ޖަހާފައެވެ.