އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނުގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކ. ތުލުސްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ރައްޔިތުން ބޭނުން ނުވާ ކަމަށާއި މިކަމުގައި ރައްޔިތުން ތިބި ގޮތެއް ބަލާލުމަށްޓަކާ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައީސްކަން ކުރައްވާ ބޭފުޅަކަށް ގާނޫނު އަސާސީން ލިބިދޭ ބާރެއް ކަމަށެވެ.

"މިހާރު ވޯޓެއް ނަގައިފިނަމަ ހަމަ ސައްޕު ޖަހާފައި ބޭރުކުރާނެ. މިއީ ރައްޔިތުންގެ ވިސްނުން ހުރި ގޮތް. ދިވެހިންގެ ބޮޑު އަޣުލަބިއްޔަތު އޮތީ މި ގޮތުގައި"
ރައީސް ޔާމީން

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ނިޒާމު އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ކުރިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވަން ވޯޓެއް ނެގުން މާ މުހިއްމު ކަމަށެވެ. އަދި އެ ވޯޓު ނެގުމުން ސަރުކާރަށްވެސް އޮތް ތާއީދު އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ވޯޓު ނެގުމުން މި ސަރުކާރަށް އޮތީ ކިހާވަރެއްގެ ތާއީދެއްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެއިން އެންމެ އިންޗިއެއް ވެސް ބޭރު ބަޔަކަށް ދޭން ދިވެހިން ބޭނުން ނުވާނެ ކަމަށާއި އެންމެ އިންޗިއެއްގައި ވެސް ބޭރު ގައުމެއްގެ އަސްކަރިއްޔާ ތިބުމަކީ ނުރައްކާތެރި އަދި ބިރުވެރި ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖޭގެ ދާހިލީ ކަންކަމަށް ބާރު ފޯރުވަމުންދާ ކަމަށާއި އިންޑިއާ އަކީ އަވަށްޓެރި ގައުމެއް ނަމަވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ ހައްލެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މި ސަރުކާރަށް މިހާރު ތާއީދެއް ނެތް ކަމަށާއި ރައްޔިތުން ސަރުކާރާ ބާރުތައް ހަވާލުކުރީ ބައެއްގެ ކައިރިއަށް ސަލާންޖަހަން ނާށިގަނޑު ހިފައިގެން ދާން ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.