އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުން ރައްޔިތުން މަޖިލީހަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދޭން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން މަޖިލީހުގެ ދައުރުން ބޭރުން މިއަދު ޖަލްސާ ބާއްވާފައިވާއިރު މިއަދުގެ ޖަލްސާގައި އޭސީސީގެ މެންބަރުން ޖަވާބުދާރީވުމުގެ މައްސަލަ ދެގޮތަކަށް ކުރިއަށް ގެންދިއުމަށް މެންބަރުން ހުށަހެޅުއްވިއެވެ.

މިގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ހުށަހަޅާފައިވަނީ އޭސީސީގެ މެމްބަރުން ބޭނުންވާ ގޮތަކަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ލިޔުމުން ނޫނީ އޮންލައިންކޮށް ނުވަތަ ހާޒިރު ވެގެންވެސް ޖަވާބުދާރީވެވޭ ގޮތަށެވެ. ނަމަވެސް މި ހުށަހެޅުން ފާހެއް ނުވިއެވެ.

ދެވަނަ ހުށަހެޅުމަކަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ ލިޔުމުން އެކަނި ޖަވާބު ދިނުމުގެ ފުރުސަތު ދޭށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުން ފާސްވީ ފަސް މެމްބަރުންގެ ވޯޓުންނެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ.