ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހއ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 62 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މިއީ މިބަލީގައި މިމަހު މަރުވި ނުވަ ވަނަ މީހާއެވެ.
މި ބަލީގައި މި މަހު ފުރަތަމަ މީހާ މަރުވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ ޏ އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިބަލީގައި މިމަހު 4 ވަނަ ދުވަހު 2 މީހުން މަރުވެފައިވާއިރު އެދުވަހު މަރުވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި ހއ. ތުރާކުނުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނެއެވެ.
މިމަހު ފަސް ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާއިރު މިމަހު ހަ ވަނަ ދުވަހު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައެވެ.
މީގެ އިތުރުން މިމަހު 10 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާއިރު މިމަހު 11 ވަނަ ދުވަހު ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައެވެ. އަދި މިމަހު 12 ވަނަ ދުވަހު ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ވަނީ މަރުވެފައެވެ.
މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 259 އަށް އަރައިފައެވެ.
މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.