ޓެރަރިޒަމް މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ނުގެންގޮސް، ބަންދުގައި 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމްއެވެ. ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ހާލަތްތަކަށް ބަލާއިރު، ޓެރަރިޒަމްގެ އަމަލު ރާވައި، ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މިފަދަ އަމަލެއްގައި އެއްވެސް ގޮތަކަށް އެހީވި ކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ހަނގުރާމަތަކުގައި ބޭނުން ކުރާ އާލާތްތައް ގެންގުޅެ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ބައިވެރިވާ މީހުން ހިމެނެއެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިބިލުގައި ޓެރެރިޒަމްގެ ކުށްތައް ތަހްގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ލިބި، އެފަރާތްތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ދާއިރާ އަލުން ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައި ޓެރެރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހާއްސަ އިޖުރާއަތުތަކަށް ބަދަލު ގެނެސްފައިވެއެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގެންނަން ޖެހޭ މުހިންމު ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމުގައި އަމަލުކުރަންވީ މުހިންމު ކަންކަން ބަޔާންކޮށްފައިވެއެވެ.

ރައީސް ސޯލިހު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެންނެވެ.