ކޮވިޑު-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން އިން ދިން 1.4 މިލިއަން ޔޫރޯ (24.3 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަމޯލްޑިވްސް“ގެ ދަށުން ވަނީ 2 މިލިއަން ޔޫރޯ (34.8 މިލިއަން ރުފިޔާ)ގެ ހަދިޔާ ކޮށްފައެވެ.

އޭގެ ތެރެއިން 24.3 މިލިއަން ރުފިޔާގެ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިއަދު ވަނީ ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހީނަރުކަމުން އަރައިގަނެ، ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިހްތިސާދެއް ގާއިމުކުރުން ކަމަށެވެ.

އެގޮތުން މި ހިލޭ އެހީ ހާއްސަ ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހީއަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ޝަރުތުތައް:

  1. އަމިއްލަ ފަރުދެއް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ޕާޓްނާޝިޕް ވިޔަފާރިއެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ވިޔަފާރިއަކަށްވުމާއެކު، ގެސްޓްހައުސްއެއް ނުވަތަ ސަފާރީއެއް އޮޕަރޭޓް ކުރަމުންދިޔުން.
  2. ގެސްޓްހައުސް ނުވަތަ ސަފާރީ ހިންގުމުގެ ސައްހަ ލައިސެންސެއް ޑިސެންބަރު 2019، ޖަނަވަރީ 2020 ނުވަތަ ފެބުރުވަރީ 2020ގައި ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  3. ގެސްޓްހައުސް ނުވަތަ ސަފާރީ ވިޔަފާރީގެ އެނދުގެ އަދަދު 40 އަށްވުރެ އިތުރު ނުވުން.
  4. ގުޅޭ ލިޔުންތަކާއި އެކު ފުރިހަމަކޮށްފައިވާ ފޯމު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން

މިނިސްޓްރީން ބުނީ ޝަރުތުހަމަވާ ވިޔަފާރިތަކުން އޮޕަރޭޓް ކުރާ އެނދަކަށް 2453.76 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހީއަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ "އީޔޫ ސަޕޯޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ބުނެއެވެ.