ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހުން އެންގުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީ 5، 2022 ގައި ބާއްވަން މިއަދު ނިންމާފައިވާ ކަމަށެވެ.

އިއްޔެ އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިދާރީ މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށާއި އަދި ގާނޫނުގައި އޮންނަ ގޮތުގެ މަތިން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.

ހުސައިން ވަހީދު އަވަހާރަ ވިއިރު އޭނާގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.