ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އުފެދޭ ކުނި ނައްތާލުމަށް ހިންގާ "ވޭސްޓް އެނާޖީ" މަޝްރޫއުގެ ސަބަބުން 2023 ވަނަ އަހަރު ނިމިގެން ދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 ޕަސެންޓުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ތިލަފުށި ފުރިގެން ގޮސް އެރަށަށް އިތުރަށް ކުނި ޖަމާނުކުރެވޭ މިންވަރަށް ކަންކަން ގޯސްވުމުގެ ސަބަބުންނާއި އެކި ރަށްރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކެއް ނެތުމުގެ ސަބަބުން ކޮންމެ ރަށެއްގައި މިހާރު ތިލަފުށީގެ މިސާލު ފެންނަން ފަށާފައިވާ ކަމަށެވެ.
އޭގެ ނަތީޖާގެ ގޮތުން އެތައް އަހަރެއް ވަންދެން ރަށްރަށުގައި އުފެދުނު ކުނިތައް ބޭރު ނުކުރެވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު އާންމު ސިއްޙަތަށާއި އާންމު ދިރިއުޅުމަށްވެސް ކުރަމުންދާއިރު، މިއީ ތާހިރު ދިރިއުޅުމަކަށް އޮތް ހުރަހެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.
ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ކުނި މެނޭޖު ކުރުމަކީ އަގުބޮޑު ކަމަކަށް ވާނެކަމަށާއި، ރާއްޖޭގައި ކުނި އުފެދޭ މިންވަރު އިތުރުވި ނަމަވެސް, ރޭވިގެން ކުނި މެނޭޖް ކުރުމުގެ އިންތިޒާމް އަދި ނެތްކަމަށް ޝައުނާ ވިދާޅުވިއެވެ.
"އޭބީސީ"ގެ ހިލޭ އެހީއާއި ކޮންސެޝަނަލް ލޯން އަދި "އޭއައިއައިބީ" ކޮންސެޝަނަލް ލޯންގެ އެހީ އާއި ޖަޕާން ފަންޑް ފޯ ޕޮވަޓީ ރިޑަކްޝަންގެ ހިލޭ އެހީގެ އިތުރުން، ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަށް ޖުމްލަ 304 މިލިއަން ޑޮލަރު ހަރަދުކުރެވިގެން ދާނެއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިންފްރާސްޓްރަކްޗަ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގެ ގޮނޑު އެއްފަރާތްކޮށް އެތަނުގައި ބަނދަރެއް ހަދައި، ކުނި ގެނެސް ބާލާނެ ސަރަހައްދެއް ތަރައްގީކޮށް ނިމިފައިވާއިރު، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށްވާ ވޭސްޓް އެނާޖީ ޕްލާންޓް ގާއިމުކުރުމަށް ސްޕޭންގެ ކުންފުންނެއް ކަމަށްވާ އުރްބާސާ އާ އެކު ޑިޒައިން، ބިލްޑް، އެންޑް އޮޕަރޭޓް އެއްބަސްވުމެއްގައި 15 އަހަރުގެ މުއްދަތަކަށް ވަނީ ސޮއިކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން، ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސަސްކޮށް، އަށް މެގަވޮޓާއި 8.5 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެ ކަމަށާއި، މި ފެސިލިޓީ އޮޕަރޭޓްކުރުމަށް ހިންގުމަށްދާ ހަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މި ފެސިލިޓީން އުފައްދާ ކަރަންޓާއި، ކުނި އަންދައިގެން ލިބޭ އަޅި ރީސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިން ކަމަށެވެ.
ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއު އެއީ ކަނޑުކޮހުންގެ ސަރުދާރުން ކުރާނެ ކަންކަމޭ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި ތިޔާ ކަން ނުކުރެއޭ ތިމާވެށި މިނިސްޓްރީ އަށް ވެސް ތިޔާ ގައި އަދި ވާނުވާ ނޭގެއޭ ކުނިން ހަކަތަ އުފައްދާނީ އެއީ ކުނި އަންދައިގެން ކުނިން އުފެދޭ ހޫނުން ފެން ހޫނުކޮށްގެން ގޭސް ޓަރބައިންސް ތަކެއް އަނބުރައިގެންނޭ އެހެން ކަަމަށްވާނަމަ ކުނި އަންދަން ޑީސަލް އަދި އަޑީތެޔޮ ބޭނުންވާނެއޭ އެއީ ޑީސަލް އިންޖީނެއް ހިންގުމަށް ވުރެން ޚަރަދު ބޮޑުވާނެ ކަމެކޭ ތިޔާއީ ވާނުވާ އައްޑޫ ވަގު މިނިސްޓަރު ކުރާ ވައްކަމެކޭ ވަގުންނޭ ވަގުންނޭ ވަގުންނޭ...