ބަންގްލަދޭޝް އިން ރާއްޖެއަށް ދިނުމަށް ނިންމާފައި ވަނީ 3 ބިލިއަން ރުފިޔާ (200 މިލިއަން ޑޮލަރު) ގެ ލޯނެއް ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ބުނެފިއެވެ.

ބަންގްލަދޭޝް ބޭންކުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ "ބިޒްނަސް ސްޓޭންޑާޑް" ނޫހުން ބުނީ ރާއްްޖެއަށް ތިން ބިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް އެއްބަސްވީ ފޮރިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، އެ ލޯނުގެ ޝަރުތުތަކަށް އެއްބަސް ނުވެވުނު ނަމަވެސް، ރާއްޖޭން އެދިފައި ވަނީ ފަސް އަހަރު ދުވަހުގެތެރޭ އަނބުރާ ދައްކާ ގޮތަށް ލޯނު ނެގުމަށް ކަމަށެވެ.

މީގެ އިތުރުން، ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު ފަޒްލޭ ކަބީރު ވިދާޅުވީ، ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ ލޯނެއް ދިނުމުގެ ގާބިލްކަން އެ ބޭންކުގައި ހުރި ކަމަށާއި، އެ ލޯނު ދޭނެ ކަމުގެ ޔަގީންކަންވެސް މިހާރު ދީފައި ވާނެ ކަމަށް އެ ނޫހުގައި ވެއެވެ.

މިއީ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ލަންކާއަށް މިދިޔަ އޮގަސްޓު މަހު 250 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދިނުމަށް ފަހު، ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ބޭރުގެ ގައުމަކަށް ދޫކުރާ ދެވަނަ ލޯނެވެ.

ބަންގްލަދޭޝް އިން ލޯނެއް ނަގަން އުޅޭ ވާހަކަ މީގެ ކުރިން މީޑިއާތަކަށް ތިލަވުމާއެކު، ފިނޭންސުން ބުނީ ރާއްޖެއަށް ލޯނެއް ދިނުމަށް އެދި ފުރަތަމަ ހުށަހެޅީ ބަންގްލަދޭޝް އިން ކަމަށެވެ. ރާއްޖެއިން އެދުނީ ކަރަންސީ ސްވޮޕަކަށެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ނިންމީ ލޯނެއް ދޭށެވެ.