ބ. ފެހެންދޫ ބަނދަރު ތަރައް ކުރުމުގެ އަމަލީ މަސައްކަތް ވަނީ ނޮވެމްބަރު 20، 2021 ވަނަ ދުވަހު ނިމިފައެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން، ބަނދަރު އަދި ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށި ލުމާއި، 214 މީޓަރު އެއްގަމު ތޮށި ލުމާއި، 317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން، ބަނދަރާއި ރަށާއި ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި، ސެޓުލްމަންޓް ޓޭންކު ހެދުމުގެ މަސައްކަތް ވެސް ވަނީ އެކީ ނިންމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތުގައި ފެހެންދޫގައި އެ ކުންފުނިން ހޭދަކުރި މުއްދަތުގެ ތެރޭގައި ފެހެންދޫއަށް ބޭނުންތެރިވެފައިވާ ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އިޖްތިމާއީ ޒިންމާގެ ދަށުން، ފެހެންދޫ ދޯނި އެހެލާ ސަރަހައްދު ފުންކޮށް ދިނުމާއި، ވިއްސާރަވެހި ފެންހެދޭ ސަރަހައްދުތަކަށް ވެލި އަޅައި އެއްވަރުކޮށް ދިނުމާއި، ރައްޔިތުން މޫދަށް އެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕްއެއް ގާއިމްކޮށް ދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުއް އިންދުމާއި، ކުނި މެނޭޖްކުރާ ސަރަހައްދު ސާފުކޮށް ދިނުން ފަދަ އިޖްތިމާއީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށް ފުރިހަމަ ކުރި މި މަޝްރޫއުގެ އަގަކީ 1.45 މިލިއަން ރުފިޔާއެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އޭގެތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ.

ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.