ކުރީ ސަރުކާރުގެ ފަސް އަހަރުގައި އުފެއްދުނީ 22،000 ވަޒީފާ ކަމަށާއި، ނަމަވެސް މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު 11،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައި ވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ "ޕީއެސްއެމް"ގެ "ރާއްޖެ މިއަދު"ގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރު ވެގެން ގޮސްފައި ވާއިރު، ބައިވަރު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި، ވިޔަފާރި ކުރުމުގެ ފުރުސަތުތަކާއި، މަތީ ތައުލީމު ހޯދުމުގެ ފުރުސަތުގެ އިތުރުން ހުނަރު ހޯދުމުގެ ފުރުސަތުތައްވެސް ފަހިކޮށްދީފައި ކަމަށެވެ.

"މިދިޔަ ސަރުކާރުން ރަނގަޅަށް ނުކުރެވޭ އެތައް ކަމެއްގެ ވާހަކަ މި ދެންނެވީ"
މުހައްމަދު މަބްރޫކް އަޒީޒް - ރައީސް އޮފީހުގެ ތަރުޖަމާނު

ހަމަ އެއާއެކު، މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު، 11،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ކޮވިޑް-19 ގެ ސަބަބުން، އެއް އަހަރު ދުވަހަށް ރިސޯޓުތައް ބަންދުކުރަން ޖެހި، ހުރިހާ ވިޔަފާރިއެއް ހުއްޓުނު ދުވަސްވަރު ހިމަނައިގެން ކަމަށްވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

"އެއަށް ވުރެ މާ އިގްތިސޯދީ ގޮތުން ހުއްޓިފަ އޮތް ތިން އަހަރުތެރޭ، އެއް އަހަރު އެކީ ރިސޯޓުތައް ބަންދުކޮށްފަ އޮތީ، ތިން އަހަރުތެރޭވެސް 11،000 ވަޒީފާ އުފެއްދިއްޖެ." މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލައްކައަކަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި މަބްރޫކް ވިދާޅުވީ، ވެރިކަމާ ޔާމީން ހަވާލުވެވަަަޑައިގެންނެވި އިރުވެސް 95،000 އަށް ވުރެ ގިނަ މީހުން އެކި ވަޒީފާތަކުގައި ކަމަށެވެ.

އެހެންނަމަވެސް، ލިބެން ހުރި މައުލޫމާތަށް ބަލާއިރު، ޔާމީންގެ ފަސް އަހަރުގައި އުފައްދާފައި ވަނީ ޖުމްލަ 22،000 ވަޒީފާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ވަޒީފާ އުވާލި އަދަދުވެސް 2000 އިން މަތިކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށް ނުވިސްނާ ހަމައެކަނި ހިސާބު އަކުރުން ވިސްނިޔަސް އެއްލައްކަ ވަޒީފާ ދޭ ކަމަށް ވަންޏާ ގާތްގަނޑަކަށް 90 ޕަސެންޓު ޕްލަސް އެމްޕްލޯއިމެންޓަށް ދިޔައީއޭ އެ ކްލެއިމް ކުރެވުނީ. އެވަރެއް ނުވޭ." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، ގާތްގަނޑަކަށް 900 އެއްހާ ވިޔަފާރިއަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނުތައް ދޫކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށާއި، ސަރުކާރުގެ ބޭންކް އެސްއެމްއީ އިން އިންވެސްޓްކޮށްގެން ވިޔަފާރި ނުހިންގާ އެންމެ އަތޮޅެއްވެސް މިހާރު ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިއްޖެ، އަދި އެއަށްވުރެ މުހިންމު ތައުލީމީ ފުރުސަތު ހޯދައިދެވިއްޖެ، ވިޔަފާރިކުރުމުގެ ފުރުސަތު ހޯދައިދެވިއްޖެ، ހުނަރު ހޯދުމުގެ ފުރުސަތު ހޯދައިދެވޭ، އަޅުގަނޑު ހަމަ މިހެން ބުނާއިރުވެސް މިކަންކަން ރަނގަޅުކުރަން ޖެހޭ އެކަމަކު މީގެ ކުރިން މިކަން ކުރި ބަޔަކު ނުވޭ" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެހެންކަމުން ކުރީ ސަރުކާރަށް ކޮށްނުދެވޭ އެތައް ކަމެއް މި ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭ ރައްޔިތުންނަށް ކޮށްދީފައިވާނެ ކަމަށެވެ.