މީގެ އަހަރެއް ކުރިން ތ. ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކު ޝަރުތުތަކާ އެކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައި ބާކީ ތިބި މީހުންގެ ބަންދު ދަމަހައްޓައިފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި އަށް މީހުންނަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި ޝަރުތުތަކާ އެކު ދޫކޮށްލަން ނިންމީ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒެވެ. ނަމަވެސް ބާކީ ތިބި ހަތް މީހުންގެ ބަންދަށް ލުޔެއް ދޭން ނުފެންނަ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ނިންމަވާފައެވެ.

މުނީޒުގެ އިތުރުން ތިމަރަފުށީގައި ޓެރަރިސްޓު ހަމަލައެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން:އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، (34 އަހަރު)އަހްސަން މުހައްމަދު، ތ. ތިމަރަފުށި / އަސްރަފީވިލާ (32 އަހަރު)މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ (34 އަހަރު)އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ (18 އަހަރު)ޝަމާހް ޝަރީފް، ތ. ތިމަރަފުށި / ސައިމާ (20 އަހަރު)އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު (21 އަހަރު)އަބްދުﷲ އިމާދު، ރ. މަޑުއްވަރީ / ބީޗް ހައުސް (29 އަހަރު)މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ މި މީހުން ދޫކޮށްލައިފި ނަމަ، އެ މީހުންގެ ފަރާތުން ދައުލަތަށް ނުރައްކާވުމުގެ ފުރުސަތާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ބިރު އެބައޮތް ކަމަށެވެ. ނަމަވެސް މުނީޒު ދޫކޮށްލަން ނިންމީ ސިއްހީ ސަބަބުތަކާ ގުޅިގެން ޕީޖީ އޮފީހުގެ އެދުމަކަށެވެ.

ދިފާއީ ވަކީލުންގެ މައިގަނޑު ޝަކުވާއަކީ ބަންދުގައި އެ މީހުން ބަހައްޓަން އެކަށީގެންވާ ހެކި ނެތްކަމުގެ ޝަކުވާއެވެ. އެގޮތުން އެ މީހުން ބަންދުގައި ބަހައްޓާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެ ރިޕޯޓުގައި ދޮގު މައުލޫމާތު އެކުލެވިގެންވާ ކަމަށްވެސް ބުންޏެވެ. އެހެންވެ، މި މައްސަލާގައި ހިމެނޭ އެންމެންވެސް ދޫކޮށްލަން ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ޝަރީއަތަށް ލިބިފައިވާ ލިޔެކިއުންތަކަށް ބަލާއިރު ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީވެ، އެ ހަތް މީހުންގެ ބަންދަށް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ހަމަ އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، މުނީޒު ދޫކޮށްލަން ނިންމީ ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މުނީޒުގެ ޗެކަޕެއް އައިޖީއެމްއެޗުން ހެދުމުން، ޑޮކްޓަރުން ކަނޑައަޅާފައިވަނީ މުނީޒުގެ ހަށިގަނޑުގައި ޕޮޓޭސިއަމް މަދުވުމުން ފުރާނައަށް ނުރައްކާވެފައިވާ ކަން ޝަފީއު ފާހަގަ ކުރެއްވިއެވެ. އެހެންވެ ޝަރުތުތަކާ އެކު 100 ދުވަހަށް މުނީޒު ދޫކޮށްލަން ޝަފީއު އެދިވަޑައިގަތެވެ.

މުނީޒުގެ މައްޗަށް ކުރި ޝަރުތުތައްބަންދުން ދޫކޮށްލާފައި ހުންނަ އިރު ގާނޫނާ ހިލާފު ކުށެއް ނުކުރުންކޯޓަށް ހާޒިރުވާން ޖެހޭ ގަޑީގައި ކޯޓަށް ހާޒިރުވުންރޭގަނޑު 6:00 އިން ހެނދުނު 8:00 އަށް ގެއިން ބޭރުގައި ނޫޅުންކޮންމެ ދުވަހަކު އެންމެ ކައިރީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެ ސޮއިކުރުންމާލޭން ބޭރަށް ނުދިއުންޓެރަރިޒަމްގެ ކުށްތަކުގައި ހިމެނޭ މީހުންނާ މުއާމަލާތު ނުކުރުންހެކި ބަސް ދޭނެ މީހުންނާ މުއާމަލާތް ނުކުރުންސިއްހީ ފަރުވާ ހޯދާ ކަމުގެ ލިޔުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު ޕީޖީ އާއި ކްރިމިނަލް ކޯޓާ ހިއްސާ ކުރުންއެ ޝަރުތުތަކާ އެކު މުނީޒް ބަންދުން ދޫކޮށްލުމަށް ގާޒީ ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 15 ގައި ހެނދުނު 10:00 ޖަހާއިރުއެވެ

މި މީހުން އަތުލައިގެންފައި ވަނީ، ނަސާހް-3 ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އައިއީޑީއެއް ތައްޔާރު ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދޯނި ބަލައި ފާސްކުރި އިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލައިފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ. ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ.