ތ. ތިމަރަފުށީގެ ދޯންޏެއްގެ ތެރޭގަ އައިއީޑީއެއް ތައްޔާރު ކުރުމަށްފަހު، އެ ރަށުގެ މަދަރުސާއެއް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގަައި އެރަށުން ހައްޔަރުކުރި އަށް މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ، (34 އަހަރު)
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި / އަސްރަފީވިލާ (32 އަހަރު)
  • އަލީ މުނީޒް، ތ. ތިމަރަފުށި / ކެނެރީގެ (28 އަހަރު)
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ (34 އަހަރު)
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ (18 އަހަރު)
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި / ސައިމާ (20 އަހަރު)
  • އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު (21 އަހަރު)
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރީ / ބީޗް ހައުސް (29 އަހަރު)

މި އަށް މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައިވާއިރު، މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުން ބާއްވާފައިވަނީ މި އަށް މީހުންގެ ބަންދު މުރާޖައާ ކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގަ ދައުލަތުގެ ވަކީލު ވިދާޅުވީ މި މީހުންގެ ފަރާތުން ފެނުނީ ދީނާ ދެކޮޅު އަމަލެއް ކަމަށާއި، އަދި އެ މީހުން ގަބޫލުކުރަނީ ދީނާ ހިލާފު އުސޫލުތަކެއް ކަމަށެވެ. އެކަމާ ގުލިގެން ދިފާއީ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، އެމީހުންނަކީ އިސްލާމުން ނޫންކަމަށް ވިދާޅުނުވާ ކަމަށާއި، ވިދާޅުވި ވާހަކައަކީ ދީނާ ދެކޮޅު އަމަލެއް ކުރަން ރޭވި ކަމަށާއި، ދީނުގެ ނަމުގަ ދީނާ ހިލާފު އުސޫލުތައް ގަބޫލުކުރާ ވާހަކަ ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ އާދަމް އަލީ ވިދާޅުވީ ޝަރީއަތުގަ އެއްވެސް ބަޔަކާ ދެކޮޅަށް އެއީ ދީނާ ދެކޮޅު ބައެއް ކަމަށް ކަނޑައަޅައިގެން ނުވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ މި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހުގައެވެ.

މި މީހުން އަތުލައިގެންފައި ވަނީ، ނަސާހް-3 ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އައިއީޑީއެއް ތައްޔާރު ކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ދޯނި ބަލައި ފާސްކުރި އިރު އައިއީޑީއެއް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވެއެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައި ފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލައިފާސް ކުރި ގެއަކުން، އައިއީޑީއެއް ތައްޔާރު ކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވެއެވެ. ހަމައެއާއެކު މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރު ކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ތަހުގީގުގެ އަލީގައި ބުނެފައެވެ.