ސްކޫލް ވަގުތުގައި ނަމާދަށް ސަމާލުކަން ދިނުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް، ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ "ހަފްތާރެސް" ޕްރޮގްރާމްގެ ސެޝަނެއްގައި ކިޔައިދީފައި އޮތް އޮތުން އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އެކަން ދޮގުކޮށްފައި ވަނީ، "ހަފްތާރެސް"ގެ ދަށުން ހަފްތާ ބަންދުގައި ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ދަރިވަރުން ސްކޫލް ވަގުތުގައި ނަމާދަށް ސަމާލުކަން ދިނުމަކީ އެ ކުއްޖާ ހަރުކަށި ފިކުރަށް ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ކިޔައިދީފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
އެ ފޮޓޮއަކީ ޔޫތު މިނިސްޓްރީގެ ޓްވީޓެއްގައި އޮތް ފޮޓޯއެއް، ނަމަވެސް އެ ޓްވީޓް ވަނީ މިހާރު ޑިލީޓް ކޮށްލާފައެވެ.
"އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާ އާ އެކު" ނަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ހަރުކަށި ފިކުރަށް ތަބާވުމުގެ އަލާމާތްތަކުގެ ގޮތުގައި ފާހަގަކޮށް، ކިޔައިދިން ކަންކަމަކީ:
- ސްކޫލް ވަގުތު ދަރިވަރުން ނަމާދު ކުރުން
- ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުން
- ސްކޫލް ލަވައިގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން
އެކަމާ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ޔޫތު މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ ފަރާތުން ރަށްރަށުގައި ހިންގާ "ހަފްތާރެސް" ޕްރޮގްރާމްގެ ތެރެއިން އުނގޫފާރުގައި ހިންގި ސެޝަނެއްގައި، ސްކޫލް ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ކިޔައިދިން ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ.
އެ ޕްރޮގްރާމް ތިން އަހަރު ވަންދެން ހިންގިއިރު، އެއްވެސް ރަށަކުން މިހާތަނަށް ޝަކުވާއެއް އައިސްފައި ނުވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.
އަދި ހަފްތާރެސް ޕްރޮގްރާމް ހިންގަނީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައި ކަމުން، އެ ޕްރޮގްރާމްގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.
ޔޫތު މިނިސްޓްރީން އެފަދައިން ބަޔާނެއް ނެރެފައިވާއިރު، ހަފްތާރެސް ޕްރޮގްރާމްގެ ތެރެއިން ކައުންސިލްތަކަށް ހާއްސަކޮށްގެށް ކުރިއަށް ގެންދިޔަ ޝެޝަނެއްގައި ބެރުޖެހުމަކީ ހުއްދަ ކަމެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައެވެ. އަދި ރުޅި އައުމުން ވުޟޫކުރުމަކީ އޮންނަ ކަމެއް ކަމަށާއި، ނަމަވެސް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ ކިޔުމުގެ ބަދަލުގައި އިށީނދެ، އޮށޯވެ އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވަނީ ކިޔައިދީފައި ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވާއިރު، ޔޫތު މިނިސްޓްރީން ވަނީ، ރ. އަތޮޅުގައި ހިންގި ހަފްތާރެސްގައި ރ. އުނގޫފާރު ޕްރޮގްރާމުގައި ހިމެނޭ އެ ފޮޓޯތައް (ހަބަރުގައި ހިމަނާފައި އެވާ ފޮޓޯ) ޓްވީޓް ކުރުމަށްފަހު މިއަދުގެ ވަގުތެއްގައި ޑިލީޓް ކޮށްފައެވެ. އަދި އެކަމާބެހޭ ގޮތުން ބަހެއް ބުނާނެ އޮފިޝަލަކުވެސް އެ މިނިސްޓްރީގައި ނެތް އިތު "ހަފްތާރެސް" ގައި ބައިވެރިވާ އިސްލާމިކް ޔުނިވާސިޓީއާއި، ޓްރާންސްޕޭރަންސީއާއި، ހޯޕް ފޯ ވިމެން އާއި، އެންސީޓީސީގެ އިތުރުން ޔޫއެންޑީޕީންވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ދިރާސާތަކުން ދައްކާއިރު، ސަރުކާރުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ނަމަވެސް ތައުލީމީ މަންހަޖުގެ ތެރެއިން ދަރުވަރުންނަށް ކިޔަވައިދޭ ފިލާވަޅުތަކުގައި "ދީނާ ބީރައްޓެހި" ގޮތްތައް ޕްރޮމޯޓް ކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު، ދާދި ފަހުން ވަނީ ގްރޭޑް ކްލާސްތަކުގެ އިސްލާމް އަދި އަރަބި ފޮތްތަކުން ގިނަ ކުށްތަކެއް ފާހަގަ ކުރެވި އެކަންވެސް ބޮޑު މައްސަލައަކަށް ވެފައެވެ.