ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ބާއްވަން ޖެހޭ ބައި އިލެކްޝަންސްގެ އިދާރީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ. ރޭގެ ވަގުތެއްގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު "ދަ ޕްރެސް" އަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އިދާރީ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށާއި އަދި ގާނޫނުގައި އޮންނަ ގޮތުގެ މަތިން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގައި އޮންނަ ގޮތުން، ދައުރުގެ މެދު ތެރެއިން ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސް ދުވަހުގެ ތެރޭގައި ނުވަތަ 60 ދުވަހުގެ ތެރޭގައި އެ ދާއިރާގެ ބައި އިލެކްޝަންސް ބާއްވަން ޖެހެއެވެ.

ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެ އޭނާ ވާނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ. ރޭގެ ވަގުތެއްގައި ހުސައިން ވަހީދު އަވަހާރަ ވިއިރު އޭނާގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި އިދިކޮޅު މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.