ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ވަހީދު، ކެންސަރު އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެއެވެ.

އޭނާ އަވަރާހަ ވީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ވާނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ.

ހުސައިން ވަހީދުގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި އިދިކޮޅު މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އުޅުއްވުމަށް ފަހު މިދިޔަ މާޗް މަހުގެ 30 ގައި އޮތް ރައްޔިތިންގެ މަޖިލީހުގެ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގަތެވެ. އެ ޖަލްސާގައި އޭނާ ވަނީ އާލާސްކަންފުޅާ އުޅުއްވާކަން ފާހަގަ ކުރައްވާ، އޭނާގެ ހާލު ބައްލަވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާއެއް ކުރަމުން މިއަދު މިތަނަށް އައިސް އަނެއްކާވެސް ތިބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތް ﷲ އަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކި ރައްޔިތުން އަދި ހެޔޮ އެދޭ އެތައް ބޭފުޅުންނެއް އަޅުގަނޑަށް ގުޅޭ ހާލު ބެލިކަމަށްޓަކައި އަޅުގަނޑު އުފާކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަން."
ހުސައިން ވަހީދު

ރައްޔިތުންގެ މަޖިީހުގެ ހިނގަމުން މިދާ ދައުރުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފަސް އަހަރުގެ ދައުރެއް ހުސައިން ވަހީދު ފުރުއްވިއެވެ. ހުސައިން އަކީ ށ. ފޯކައިދުއަަށް ނިސްބަތްވެވަޑައިގަންނަވާ ވިޔަފާރިވެރިވެސް ކުރައްވާ ބޭފުޅެކެވެ.